މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ސަރުކާރުގެ ކަމާބެހޭ ގިނަ އިދާރާތަކެއް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ މި އޮޕަރޭޝަނުގައި އެމްއެންޑީއެފް، ދިވެހި ފުލުހުންގެ ޚިދުމަތް، ދިވެހި ރެޑް ކްރެސެންޓް، މާލޭ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ފަދަ މުއައްސަސާތަކުން ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި އޮޕަރޭޝަނުގެ ދަށުން މާލޭގެ މަގުތަކުން ފެން ހިންދުމަށް ޕަމްޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާއިރު، ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖަހައި، ހާލުގައި ޖެހޭ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.
އެމްއެންޑީއެފުން ބުނީ، ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަވިސްއާއި މާލޭ އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މެދުކެނޑުމެއްނެތި ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ބައެއް ގެދޮރާއި ފިހާރަތަކަށް ފެންވަދެ މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މިކަމާ ގުޅިގެން ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގެތަކަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމާއި، ކަރަންޓުގެ ހާދިސާތަކުން ރައްކާތެރިވުމަށްވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، މާލެ ސަރަޙައްދަށް ވަނީ އޮރެންޖު އެލާޓު ނެރެފައެވެ. ހާލަތު އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.






