Wednesday, October 21
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ދައުވަތު ދެއްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދައުވަތު ދެއްވައިފިއެވެ.

ރައީސް މި ދައުވަތު ދެއްވީ ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ބަޔާނުގައެވެ. ޕާކިސްތާނުން އެމަނިކުފާނަށް ދެއްވީ ވަރަށް ފުރިހަމަ މެހެމާންދާރީއެއް ކަމުގައި ވިދާޅުވެ، ރާއްޖެ އޮތީ ޕާކިސްތާނުގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމަށް އިންތިޒާރުގައި ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، ގުޅުމުގެ އައު ބާބެއް ފެށުމަށް ބޮޑުވަޒީރާއެކު އެއްބަސްވެވިފައިވާ ކަމަށެވެ. އަދި މި އައު ބާބަކީ ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތަކާއި، ފާގަތިކަމާއި، މަންފާތައް ގެނެސްދޭނެ ބާބެއް ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މަޝްވަރާތައް ނިންމަވައިލެއްވުމުން އަޅުގަނޑަށް އިޙްސާސްކުރެވުނު އެއް ކަމަކީ ދެ ބޭފުޅުންގެ ވިޝަން އެއްގޮތްކަމާއި ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން،" ރައީސް ވިދާޅުވިއެވެ.

ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ސިއްޙަތު، ތަޢުލީމު، މަސްވެރިކަން، ދަނޑުވެރިކަން އަދި ދިފާޢީ ދާއިރާ ހިމެނޭހެން އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެއްބަސްވުންތައް އަމަލީ ގޮތުން ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއްބަސްވުންތަކުގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް މި ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު