Wednesday, October 21
ތަމްރީނަކަށް އިންޑިއާ ސިފައިންގެ ތިން އުޅަނދެއް ރާއްޖެ އަތުވެއްޖެ

އިންޑިއާގެ ކަނޑުގެ ސިފައިންގެ ފުރަތަމަ ޓްރެއިނިންގ ސްކޮޑްރަންއަށް ނިސްބަތްވާ ތިން އުޅަނދެއް، އަސްކަރީ ތަމްރީނަކަށް ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާ ހައިކޮމިޝަނުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، މާލެ އައިސްފައިވަނީ އައިއެންއެސް ތިރާއި އައިއެންއެސް ސުޖާތާގެ އިތުރުން، އިންޑިއަން ކޯސްޓްގާޑް ޝިޕް (އައިސީޖީއެސް) ސަރަތީ ކަމަށެވެ.

ހައިކޮމިޝަނުން ބުނީ، މި ތަމްރީނު ދަތުރުގެ ސަބަބުން ދެ ޤައުމުގެ ދޭދޭ ގުޅުމާއި މެރިޓައިމް ދާއިރާގެ ގުޅުން ވަރުގަދަވެގެންދާނެ ކަމަށެވެ. މި ދަތުރުގެ ތެރޭގައި އިންޑިއާގެ ކަނޑުމަތީ ސިފައިންނާއި ރާއްޖޭގެ ސިފައިން ގުޅިގެން ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ޒިޔާރަތުގެ ތެރޭގައި ދެ ޤައުމުގެ ސިފައިން ގުޅިގެން ހިންގާ ގިނަ ތަމްރީނުތަކަކާއި، ފަންނީ ތަޖުރިބާ ޙިއްޞާކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދެ ޤައުމުގެ އަސްކަރީ އެއްބާރުލުން އިތުރަށް ބަދަހިވާނެ ކަމަށްވެސް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދަށް އެމްއެންޑީއެފުންވެސް މަރުޙަބާ ކިޔާފައިވެއެވެ.

އެންމެ ފަހުން އިންޑިއާގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޖަނަވަރީ މަހުއެވެ. އަދި ކޮންމެ އަހަރަކުވެސް "ދޯސްތީ"ގެ ނަމުގައި ރާއްޖެއާއި އިންޑިއާއާއި ސްރީލަންކާ ގުޅިގެން އަސްކަރީ ތަމްރީނުތައް ބާއްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު