Wednesday, October 21
ހދ. ކުމުންދޫ ފުލުހުންގެ މަރުކަޒު ހުޅުވައިފި

ހދ. ކުމުންދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވައި، އެ ރަށުގައި ފުލުހުންގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދު ކުމުންދޫގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކުމުންދޫ ކައުންސިލުގެ ރައީސް ޢަލީ ޤާސިމް ކަމަށެވެ.

ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު، ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލުގެ ރައީސް ޢަލީ ޤާސިމެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، އައު ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ޚާއްޞަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، ކުމުންދޫ ކައުންސިލް މެންބަރުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުމުންދޫގައި ހުޅުވުނު މި ފުލުހުންގެ މަރުކަޒަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ. މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ 2025 އޮގަސްޓް 27 ވަނަ ދުވަހުއެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދިޔަ މުހިންމު މަސައްކަތެއްކަން ފުލުހުން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު