ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ޕާކިސްތާނަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ދަތުރުކުރެއްވި ފްލައިޓް ޖައްސާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ. އެއާޕޯޓުގައި ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ކެބިނެޓް ވަޒީރުންނާއި އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނެވެ.
ވައިގެ ބަނދަރުގައި ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ދަންނަވައި، އެ ދެކަނބަލުންގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވެސް ވަނީ ކިޔާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، ޕާކިސްތާނުން ރައީސަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނުއެވެ.
މާދަމާ ރައީސް، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއާ ވަކިވަކިން ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި އެ ޤައުމުގެ ބައެއް އިސް ވަޒީރުންނާ ވެސް ރައީސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި، 12 ވަރަކަށް ފަހުމުނާމާއެއްގައި ސޮއިކުރާނެއެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްޙަތު، ތަޢުލީމު، ކްލައިމެޓް ޗޭންޖް، ފަތުރުވެރިކަން، ސިވިލް އޭވިއޭޝަން އަދި ދިފާޢީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
މި ދަތުރުފުޅަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު، އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.
މި މަހުގެ 22 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅު ކުރައްވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުގައެވެ.






