Tuesday, October 20
އަމީނީ މަގުގެ ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި

މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ސެގްމަންޓް 3 ގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ދެމެދު އޮންނަ 1،924.77 އަކަމީޓަރުގެ ސަރަޙައްދެވެ. މި ސަރަޙައްދުގައި ކުރިން އަޅާފައިވާ ބާ ތާރު ނެގުމަށްފަހު، އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި އެމްސީ-30 ޕްރައިމް ކޯޓު ޖެހުމުގެ މަރުޙަލާ ނިންމާލުމަށްފަހު، މިހާރު ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނީއެވެ.

އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، ތާރުއަޅައި ނިމުމުން މަގުމަތީގެ ނިޝާންތަކާއި ޓްރެފިކް ލައިންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން މަގުތަކުގެ ފެންވަރު ރަނގަޅުވުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ތާރުއަޅައި ނިމުނަސް އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމުގެ ކުރިން ތާރުގަނޑު ރަނގަޅަށް ހިކި ހަރުވުމަށް ވަގުތު ބޭނުންވާނެއެވެ. ހޫނުގަދަ މާޙައުލުގައި ބަސް ފަދަ ބަރު އުޅަނދުތައް ދުއްވަން ފެށުމުގެ ކުރިން މި މުއްދަތު ދިނުމަކީ، މަގު އަވަހަށް ހަލާކުނުވެ ގިނަ ދުވަހު ދެމެހެއްޓުމަށް މުހިންމު ކަމެކެވެ.

މި މަޝްރޫޢުގެ ދަށުން، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސެގްމަންޓް 1 އާއި، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގެ ހަތަރު އަނގޮޅި ކަންމަތި ހިމެނޭ ސެގްމަންޓް 2 ގެ މަސައްކަތް ނިންމައި، މަގު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. ސެގްމަންޓް 3 ގެ މަސައްކަތް ނިމުމުން، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮތް 1،148.91 އަކަމީޓަރުގެ ސެގްމަންޓް 4 ގެ މަސައްކަތް ފަށާނެއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ ކުންފުނިން މި މަސައްކަތް ސެގްމަންޓްތަކަކަށް ބަހާލައިގެން އަމަލީ ގޮތުން ފަށާފައިވަނީ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، އިންފްރާސްޓްރަކްޗަރ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ހިންގަނީ، ދައުލަތުގެ ބަޖެޓުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދެ ފަށަލައަށް ތާރުއަޅައިގެން، ދިގު މުއްދަތަކަށް ދެމިގެންދާނެ ފެންވަރު ރަނގަޅު މަގެއްގެ ގޮތުގައި އަމީނީ މަގު އަލުން ތަރައްޤީކުރުމެވެ.

އެމްޓީސީސީން އަމީނީ މަގު އަލުން މަރާމާތުކުރަން ފެށީ، ކުރީގެ ސަރުކާރުން އެ މަގުގައި ތާރުއަޅައި ބޭނުންކުރަން ފެށިތާ ގިނަ އަހަރުތަކެއް ނުވެ، މަގުގައި ބޮޑެތި އަޑިގުޑަންތައް ހެދި، ދުއްވާ މީހުންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީއެވެ. އަދި ވިއްސާރަ މޫސުމުގައި މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަކީވެސް މި މަޝްރޫޢުގެ މަޤްޞަދެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު