Tuesday, October 20
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 14 ކުއްޖަކު މިދިޔަ އަހަރު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން، ފޯސްޓަރިން ނިޒާމުގެ ތެރެއިން މިދިޔަ އަހަރު 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ބުނެފިއެވެ.

މިނިސްޓްރީން މިކަން ހާމަކުރީ، އެ މިނިސްޓްރީ އާއި ފިޔަވަތީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅަމުންނެވެ.

ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތިތަކަށް އަލަށް 18 ކުއްޖަކު ނަގާފައިވެއެވެ. އަދި އެ ކުދިން ނިސްބަތްވާ އާއިލާތަކާއެކު ކުރެވުނު މަސައްކަތުން، ޖުމްލަ 22 ކުއްޖަކު އެ ކުދިންގެ އާއިލާތަކަށް ރުޖޫއަކޮށްދީފައިވެއެވެ.

މިދިޔަ އަހަރު ނިމުނުއިރު، ޖުމްލަ 37 ކުއްޖަކަށް ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ހޯދައިދީފައިވާއިރު، ރަށްރަށުގައި ގާއިމުކޮށްފައިވާ އަމާން ހިޔާތަކަށް 33 ކުއްޖަކު ބަދަލުކޮށްފައިވެއެވެ.

ކުދިން ދައުލަތާ ހަވާލުކުރަން ޖެހޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މައިންބަފައިން މަސްތުވާތަކެތި ބޭނުންކުރުމާއި، ކައިވެނިން ބޭރުގައި ވިހެއުމަށްފަހު އެ ކުދިންނަށް އަޅާލާނެ ފަރާތެއް ނެތުން ފަދަ އިޖުތިމާޢީ މައްސަލަތައް ހިމެނެއެވެ.

ކޮންމެ ކުއްޖަކީ ވެސް އާއިލާއެއްގެ ތެރޭގައި ބޮޑުވާ ކުއްޖަކަށް ހަދައި، ދައުލަތުން ހިންގާ މަރުކަޒުތަކުގައި ބައިތިއްބައިގެން ކުދިން ބެލުން ނިމުމަކަށް ގެނައުމަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން، އެފަދަ ކުދިން ބަލަން ބޭނުންވާ އާއިލާތަކާ ހަވާލުކޮށްގެން ނުވަތަ ފޯސްޓާކޮށްގެން ބެލުމުގެ ޕްރޮގްރާމެއް މިނިސްޓްރީން ހިންގަމުން ގެންދެއެވެ. ރިޕޯޓުގައިވާ ގޮތުން، މި ޕްރޮގްރާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ނަގަން ބޭނުންވެގެން ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން ދެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ވެސް މި ޕްރޮގްރާމުގެ ދަށުން އާއިލާތައް ހޯދައިދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރެއެވެ.

މިފަދަ ކުދިން މުޖުތަމަޢުގެ ތެރެއަށް ނުކުންނަ ހިނދު، ބައެއް ފަރާތްތަކުން އެ ކުދިންނަށް ބުލީކޮށް ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކުދިންނަށް ބޭނުންވަނީ މުޖުތަމަޢުގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ކަމަށް ކަމާބެހޭ ފަރާތްތަކުން ބަޔާންކުރެއެވެ.

މިނިސްޓްރީން ބުނީ، ދިމާވާ ހާލަތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް މީހަކު ނުވަތަ ކުއްޖަކު ނަގަން ޖެހުނު ނަމަވެސް، އަމާޒަކީ ވީހާވެސް އަވަހަށް އެ މީހަކަށް ނުވަތަ އެ ކުއްޖަކަށް އާއިލާއެއްގެ ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު