ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ "ސްޓާޓްއަޕް ގްރާންޓް 2026" އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލްއިން ބުނީ، މި ޕްރޮގްރާމުގެ ދަށުން ހޮވޭ ދެ ފަރާތަކުން ކޮންމެ ފަރާތަކަށް، ވިޔަފާރި އަލަށް ފެށުމަށް ނުވަތަ އިތުރަށް ފުޅާކުރުމަށްޓަކައި 500،000 (ފަސް ލައްކަ) ރުފިޔާގެ ހިލޭ މާލީ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލީ އެހީތެރިކަމުގެ އިތުރުން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުގެ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު އެއް އަހަރު ދުވަހުގެ މެންޓާޝިޕް ސަޕޯޓް ވެސް ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ.
މި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު އާންމު ފަރުދުންނަށާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވުމާއެކު، އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކު ހިންގިދާނެ ފަދަ ވިޔަފާރި ޕްލޭނެއް އޮތުން ހިމެނެއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ، ސްޓާޓްއަޕް ގްރާންޓަށް އެދި ހުށަހަޅަން ޖެހޭނީ 10 ނޮވެމްބަރު 2026 ގެ ހަވީރު 2:00 ގެ ކުރިން، ކަނޑައެޅިފައިވާ ލިޔެކިޔުންތަކާއެކު އީމެއިލް މެދުވެރިކޮށް ކަމަށެވެ.
ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލްއިން ސްޓާޓްއަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރުގައެވެ.






