އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާ "ޑީޕްފޭކް" އަޑާއި ވީޑިއޯ މެދުވެރިކޮށް، ދަންނަ ރައްޓެހިންނާއި އާއިލާގެ މީހުންގެ ސިފައިގައި ހިންގާ މަކަރާއި ހީލަތްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު މީސްމީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، އިތުބާރުކުރާ މީހެއްގެ މޫނު ފެނި، އަޑު އިވުނަސް، އެއީ ކޮންމެހެން އެ މީހާ ކަމަށް ނުވެދާނެ ކަމަށެވެ.
ފުލުހުން ބުނީ، ކުށްވެރިން މިހާރު ބޭނުންކުރަނީ އޭއައިގެ އެހީގައި ތައްޔާރުކުރާ ޑީޕްފޭކް ޓެކްނޮލޮޖީ ކަމަށާއި، ގާތް މީހުންގެ އަޑާއި ވީޑިއޯ ނަކަލުކޮށްގެން، ކުއްލި ހާލަތެއް މެދުވެރިވެގެން އުޅޭކަމަށް ދައްކައި، ބިރުދައްކައި ނުވަތަ އަވަސްއަރުވާލައިގެން މީހުން ލައްވާ ފައިސާ ޓްރާންސްފަރ ކުރުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ޑީޕްފޭކް ޓެކްނޮލޮޖީގެ ސަބަބުން މިފަދަ މަކަރާއި ހީލަތްތައް ދެނެގަތުން އިތުރަށް އުނދަގޫވަމުންދާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ކިތަންމެ އަވަސްއަރުވާލައިގެން ފައިސާ ފޮނުވަން ނުވަތަ ޒާތީ މަޢުލޫމާތު ހިއްސާކުރަން އެދުނު ކަމުގައި ވިޔަސް، ޕްރެޝަރަށް ނުބަލައި ސަމާލުވެ ތިބުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
އަދި ޝައްކުކުރެވޭ ފަދަ އެދުމެއް ލިބިއްޖެނަމަ، އިތުބާރުހުރި އެހެން ވަސީލަތެއް މެދުވެރިކޮށް، މިސާލަކަށް އެ މީހެއްގެ އަމިއްލަ ނަންބަރަށް ސީދާ ގުޅައިގެން، އެކަން ކަށަވަރުކުރުމަށް ފަހު ނޫނީ އެއްވެސް މަޢުލޫމާތެއް ނުވަތަ ފައިސާއެއް ނުފޮނުވުމަށް ވެސް ފުލުހުން ވަނީ އަންގާފައެވެ.
ސްކޭމްތަކަކީ ވިސްނައިނުލައި އަވަސްއަރައިގަނެގެން ކުރެވޭ ކަންކަމުގެ ތެރެއިން ހިނގާ ކަންކަން ކަމަށްވާތީ، މިފަދަ ކަންކަމުގައި ފުންކޮށް ވިސްނާލުމަށް ދެވޭ ކުޑަ ވަގުތުކޮޅަކުން ވެސް ބޮޑެތި ގެއްލުންތަކުން ސަލާމަތްވެވިދާނެ ކަމަށް ފުލުހުން ހަނދާންކޮށްދީފައިވެއެވެ.






