ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ޕަބްލިކް ލިމިޓެޑާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށްފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވަނީ މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު، މ. އަހުލިހަ، މުހައްމަދު އަރީޝްއެވެ. މި މަގާމަށް އައްޔަންކުރުމުގެ ކުރިން އަރީޝް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައެވެ.
މާލޭ ސިޓީ ކައުންސިލަށް އަރީޝް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައި ނަމަވެސް، ފަހުން އޭނާ ވަނީ ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. އަދި މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ނަމަވެސް، އޭނާ ވަނީ ނާކާމިޔާބުވެވަޑައިގެންނެވިފައެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވަނީ ގ. މާޅިކަ، އަހްމަދު އިމްދާހް މުހައްމަދެވެ. ނޮން-އެގްޒެކެޓިވް، އިންޑިޕެންޑަންޓް ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ އިމްދާހަކީ ކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރެވެ.
އަދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ގދ. ތިނަދޫ، ޕެންޒީމާގެ، އިސްމާއީލް ފަރުހާދު އަހްމަދެވެ.
ސްޓޭޓް ފާމާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދެވި، ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. ސަރުކާރުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަމުންނެވެ.






