ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި 880 ސޯލާ މަގުބައްތި މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
މި މަގުބައްތިތައް ހަވާލުކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ޤައުމުގެ ސަފީރު ކޮންގް ޝިއަންހުއާއެވެ.
މި މަގުބައްތިތައް ހަދިޔާކުރީ، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫޢުގެ ދަށުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ކޮންގް ވިދާޅުވީ، ރާއްޖެއަށް މި މަގުބައްތިތައް ހަދިޔާކުރުމަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވެވި ބައްދަލުވުމުގައި ކަމަށެވެ. އަދި ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ގާތް އެކުވެރިއެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ، މީގެ ކުރިން ޗައިނާއިން ހަދިޔާކުރި ސޯލާ މަގުބައްތިތައް ރާއްޖޭގެ ތިން ރަށެއްގައި ހަރުކޮށް، ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި މިފަހަރު ލިބުނު 880 ބައްތިއާއެކު އިތުރު ގިނަ ރަށްތަކެއް އަލިވެގެންދާނެ ކަމަށާއި، މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. ރާއްޖޭގައި މިހާރު އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު ވަނީ 116 މެގަވޮޓަށް އިތުރުވެފައެވެ.






