ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ އިމްތިޔާޒުތަކާއި ހައްގުތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ އިމްތިޔާޒުތަކާ ބެހޭ މި ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބިލު ހުށަހަޅުއްވަމުން މެންބަރު ދާއޫދު ވިދާޅުވީ، މިއީ ރާއްޖޭގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ އިތުރުން، ޔުނައިޓެޑް ނޭޝަންސްގެ ސްޕެޝަލައިޒްޑް އެޖެންސީތަކާ ގުޅުން ހުރި ފަރާތްތަކަށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބިދޭންޖެހޭ އިމްތިޔާޒުތައް ސާފުކޮށް ބަޔާންކުރުމަށް އެކުލަވާލި ބިލެއް ކަމަށެވެ.
އެ އިމްތިޔާޒުތަކުގެ ދާއިރާއާއި، އެ އިމްތިޔާޒުތައް ލިބިދެވޭނެ ގޮތުގެ އުސޫލުތަކާއި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ ހަމަތަކެއްގެ މަތިން ކަނޑައެޅުމަކީ ބިލުގެ މައިގަނޑު މަގުސަދެއް ކަމަށް ދާއޫދު ފާހަގަކުރެއްވިއެވެ.
ބިލަށް ވާހަކަދެއްކެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވިދާޅުވީ، މި ބިލަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ގާނޫނުގެ ސަބަބުން ރާއްޖޭގައި ގާއިމުވެފައިވާ ބޭރުގެ މިޝަންތަކަށް ދިވެހި ދައުލަތާ މެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.
ހުށަހެޅިފައިވާ ބިލުގައި ބޭރުގެ މިޝަންތަކުގެ ކޮންސިއުލާ ގުޅުންތައް ހިންގުމާ ގުޅޭ މުހިންމު ތަފްސީލުތައް އެކުލެވިގެންވެއެވެ. މީގެ ތެރޭގައި ކޮންސިއުލާ އޮފިސަރުންނާއި މުވައްޒަފުން އަދާކުރާނެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމުގެ އިތުރުން، އެ މަގާމުތައް ބިލުގައި މާނަކުރާ ގޮތް ތަފްސީލުކޮށްދީފައިވެއެވެ.
މި ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ނިމުމުން، ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި އަލުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.






