މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.0 އިންސައްތަ އިތުރުވެއްޖެއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.ޖީ.އެސް.ޓީ) އާއި، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ އިތުރުން، އާމްދަނީ ލިބޭ މުހިންމު އެހެނިހެން ދާއިރާތަކުން ލިބުނު މިންވަރު މަތިވުމެވެ.
މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު 2.6 އިންސައްތަ އިތުރުވެ، 31.89 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ޖީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ 4.43 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޖީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނީ 4.09 ބިލިއަން ރުފިޔާއެވެ. ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނެގި ވިތުހޯލްޑިންގ ޓެކްސް ވަނީ 10.4 އިންސައްތަ އިތުރުވެ 1.09 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 15.2 އިންސައްތަ އިތުރުވެ 2.79 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 3.01 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.8 އިންސައްތަ އިތުރުވެ 1.55 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުދަލުން ލިބުނު އާމްދަނީ 12.1 އިންސައްތަ އިތުރުވެ 1.97 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 68.1 އިންސައްތަ އިތުރުވެ 0.52 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، 15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ޖުމްލަ ޚަރަދު ވަނީ 16.9 އިންސައްތަ އިތުރުވެ 36.39 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނޭ ރިކަރަންޓް ޚަރަދު 17.2 އިންސައްތަ އިތުރުވެ 31.35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް ފެންނަނީ ސަބްސިޑީއަށެވެ. ސަބްސިޑީގެ ޚަރަދު 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު 16.9 އިންސައްތަ އިތުރުވެ 1.92 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މުވައްޒަފުންގެ މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1 އިންސައްތަ އިތުރުވެ 5.56 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދަރަންޏަށް ދައްކާ އިންޓްރެސްޓްގެ ޚަރަދު ވަނީ 6.6 އިންސައްތަ ދަށަށް ގޮސްފައެވެ.
މި ހިސާބުތަކަށް ބަލާއިރު، 15 އޮކްޓޫބަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް ވަނީ 4.50 ބިލިއަން ރުފިޔާއަށް އަރާފައެވެ.






