ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމުތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓްތަކާއި، އެފަދަ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ޚިދުމަތުން ނަގަމުން އަންނަ ޓެކްސް ނެގުން ހުއްޓާލުމެވެ. އެ ފަރާތްތަކުން ޓެކްސް ނަގަން ފެށީ މިމަހުގެ 1 ވަނަ ދުވަހުންނެވެ. މި ޓެކްސް ނަގަމުން ދިޔައީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނަގާ 17 އިންސައްތައިގެ ރޭޓުންނެވެ.
ޤާނޫނަށް އެ އިޞްލާޙު ގެނައުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އަދި ޤާނޫނަށް ޢަމަލުކުރަން ފެށުމާ ދިމާކޮށް ބޭރުގެ ބައެއް ޓުއަރ އޮޕަރޭޓަރުން ވަނީ ރާއްޖެ ވިއްކުން ހުއްޓާލާފައެވެ. ޤާނޫނަށް ބަދަލު ގެންނަން ނިންމިކަން ސަރުކާރުން އިޢުލާންކުރީ މިމަހުގެ 4 ވަނަ ދުވަހުއެވެ.
ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަކީވެސް މި ބިލުގެ އަމާޒެކެވެ. އެގޮތުން، އެއްވެސް ފަރާތަކުން ކުރާ މުޢާމަލާތަކީ ޓެކުހާ ގުޅޭ މަންފާއެއް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ހާލަތްތަކުގައި، އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކޮށްފައިވާ މުޢާމަލާތެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެފަދަ މުޢާމަލާތްތަކަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުޢާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ބިލުގައި ވަނީ ލިބިދީފައެވެ. ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ކަންކަމުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކުޑަވުމާއި، ދައްކަންޖެހޭ ތާރީޚު ލަސްވުން ފަދަ ކަންކަން ހިމެނެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ބިލު ފާސްވެ، ތަޞްދީޤުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުންނެވެ.
ބިލު ތަންފީޒުކުރުމާއެކު، އިންބައުންޑް ޓުއަރިޒަމްއިން ކުރިން ލަފާކުރި އާމްދަނީ ދައުލަތަށް ނުލިބޭނެކަން ބިލުގައި ފާހަގަކޮށްފައިވެއެވެ. ކުރިން ލަފާކޮށްފައިވާ ގޮތުން، އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީއިން 1608.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވުނެވެ.






