ރާއްޖެއިން ބުރުނާއީ ދާރުއްސަލާމަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބުރުނާއީގެ ސުލްޠާން ޙާޖީ ޙަސަނަލް ބޮލްކިޔާ މުޢިއްޒުއްދީން ވަދައުލާ އަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު، ބަންދަރު ސެރީ ބެގަވަންގައި ހުންނަ އިސްތާނާ ނޫރުލް އީމާންގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސުލްޠާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ޑރ. ޝަބީނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސުލްޠާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ސުލްޠާނަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދިވަޑައިގެން، ބުރުނާއީގެ ރައްޔިތުންނަށް ދެމި އޮންނަ ސުލްހަމަސަލަސްކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށްވެސް ޑރ. ޝަބީނާ ވިދާޅުވިއެވެ.
ސުލްޠާން ވަނީ ޑރ. ޝަބީނާއަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ބުރުނާއީގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ޑރ. ޝަބީނާ ވަނީ ބުރުނާއީގެ ސަރުކާރާއި ރައްޔިތުން ދިގު މުއްދަތެއްގައި ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
މި ދަތުރުފުޅުގައި ޑރ. ޝަބީނާގެ އަރިހުގައި، މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ފާޠިމަތު ޝަބާ ބައިވެރިވެވަޑައިގެންފައިވެއެވެ.
ޑރ. ޝަބީނާ އަކީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ އިތުރުން، ފިލިޕީންސަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުވެސް މެއެވެ.






