Tuesday, October 20
ސޯލާ އަދި ބެޓެރީ ސްޓޯރޭޖް ގާއިމުކުރަން ޗައިނާ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

15 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖް ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސަރުކާރުން މިއަދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދުގައެވެ.

މި އެއްބަސްވުމުގެ ދަށުން 15 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް (ސޯލާ ޕީވީ ސިސްޓަމް) އަދި 15 މެގަވޮޓް-އަވަރގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ރާއްޖޭގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޙުސައިން އަގީލް ނަސީރެވެ. އަދި ޒެޖިއަންގް ޗިންގްޓިއަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ވައިސް ޕްރެޒިޑެންޓް ޑޮންގްޓިންގ ހޭ އެވެ.

ވުޒާރާއިން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތަ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް މި މަޝްރޫޢުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

މިއީ ކަރަންޓު ފޯރުކޮށްދިނުމަށް ތެލަށް ބަރޯސާވުން ކުޑަކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ވުޒާރާއިން ވަނީ ސިފަކޮށްފައެވެ.

މި ސަރުކާރުން އިއާދަކުރަނިވި ހަކަތައިގެ އިންސްޓޯލްޑް ކެޕޭސިޓީ 53 މެގަވޮޓުން 126 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށާއި، މި ނިޒާމުގެ ތެރެއިން އަހަރަކު 3.1 މިލިއަން ލީޓަރުގެ ޑީސަލް ބޭނުންކުރުން މަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް މިދިޔަ މަހު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 1 ގައި އޮތް ކޮޕް28 ސަމިޓުގައި ތަގުރީރުކުރައްވަމުންނެވެ. އެ އަމާޒަށް ވާސިލުވުމަށް 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި، އެކަމުގައި ބައިނަލްއަގުވާމީ ދުނިޔޭގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު