ތަކުރާރުކޮށް އާންމުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލަ ދޮޅު އަހަރު ވީއިރުވެސް ހައްލުނުވާތީ، ފުލުހުންގެ އިދާރާއަށް ގޮސް މުހައްމަދު ސައީދު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު، 35 ގަޑިއިރަށްފަހު ނިންމާލައިފިއެވެ.
ސައީދު ހަޅުތާލު ނިންމާލީ، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދިނުމާ ގުޅިގެންނެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު އެޝުއަރެންސެއް މިނިސްޓަރ އިހުސާން ދެއްވި. އަދި ޕީޖީން ވެސް ރޭގަ ވަރަށް ދަންވަރުގަ އަދި މިއަދުވެސް ގުޅުއްވާފަ މިކަމާއިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އަޅުގަނޑާ އަދި އަޅުގަނޑުގެ އާއިލާއަށް ދެއްވި،" ސައީދު ބުންޏެވެ.
ސައީދު ބުނި ގޮތުގައި، ކުރިން ފުލުހުންގެ އިދާރާގައި ރަޖިސްޓްރީކޮށް ކްލޯޒްކޮށްފައި ހުރި ގިނަ މައްސަލަތަކެއް، މިނިސްޓަރުގެ އިރުޝާދުގެ މަތިން އަލުން ހުޅުވައި ބަލާނެއެވެ. އަދި ކުރިން ހުށަހެޅި ނަމަވެސް ލޮގް ނުކުރެވި ހުރި މައްސަލަތައް އަލުން ލޮގްކުރުމުގެ ފުރުސަތުވެސް މިއަދު ދީފައިވެއެވެ.
އެ މައްސަލަތައް އަލުން ފުލުހަށް ހުށަހެޅުމަށްފަހު، އާއިލާއާ މަޝްވަރާކޮށް ހަޅުތާލު ނިންމާލަން ނިންމީ ކަމަށް ސައީދު ބުންޏެވެ. ކަމާބެހޭ ފަރާތްތަކުން ވެފައިވާ ވައުދުތައް ފުއްދަމުން ދާ މިންވަރު ގާތުން ބަލަމުން ގެންދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައުމުގައި އެހީތެރިވި މީޑިއާތަކަށާއި ސޯޝަލް މީޑިއާގެ ފަރާތްތަކަށް ސައީދު ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ހަޅުތާލުގެ ވަގުތު އޭނާއާއެކު ވަގުތު ހޭދަކުރައްވައި ހިތްވަރު ދެއްވި ކަމަށްޓަކައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރަށާއި، އޭނާގެ އާއިލާއަށާއި އަވަށްޓެރިންނަށްވެސް ސައީދު ޝުކުރު އަދާކުރިއެވެ.
ސައީދު ހަޅުތާލު ފެށީ އިއްޔެ ހެނދުނު 8:00 ގައި ހެންވޭރު ޕޮލިސް ސްޓޭޝަނުގެ ތެރޭގައެވެ. ނަމަވެސް އެތަނުގައި ދެން ނުހުރެވޭނެ ކަމަށް އެންގުމުން، ރޭ 9:00 އިން ފެށިގެން ހަޅުތާލު ކުރިއަށް ގެންދިޔައީ ފުލުހުންގެ އިދާރާގެ ބޭރުގައި ހުރެގެންނެވެ.
ސައީދު ހަޅުތާލު ފެށިތާ 10 ވަރަކަށް ގަޑިއިރު ފަހުން، އުނދަގޫކުރާ ކަމުގެ ތުހުމަތުވާ މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ސައީދު ހަޅުތާލަށް ނުކުތީ، ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުވާ މީހަކު، ދޮޅު އަހަރު ވަންދެން އޭނާގެ އާއިލާއަށާއި އަވަށްޓެރިންނަށާއި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރަމުން ދިޔަ ނަމަވެސް، މުއައްސަސާތަކުން ފިޔަވަޅެއް ނާޅާތީއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ މީހާގެ މައްސަލައެއް ހުށަހަޅާ ކޮންމެ ފަހަރަކު ވެސް ގާނޫނީ ގޮތުން އެޅެން އޮތް ފިޔަވަޅުތައް އަޅަމުން ދާ ކަމަށާއި، ބަންދުގައި ބެހެއްޓި ނަމަވެސް ދޫކޮށްލުމުން އަނެއްކާވެސް އުނދަގޫކުރަން ފެށި ކަމަށެވެ.






