މާލޭގައި ތަކުރާރުކޮށް އާންމުންނަށް ގޯނާކޮށް އުނދަގޫތައް ކުރަމުންދާ ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުށީ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، އޭނާ މީހަކަށް ބިރުދައްކައި، މުދަލަށް ގެއްލުންދިން ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ބަންދު އަމުރުގައިވާ ގޮތުން، އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އޭނާއަކީ ބަންދުގެ ލޮގް އޮތް މީހެއް ކަމަށްވެސް އަމުރުގައި ވެއެވެ.
އެ މީހާ ހައްޔަރުކުރީ، އޭނާގެ ސަބަބުން އާއިލާއަށާއި އަވަށްޓެރިންނަށް ލިބޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބެންދެން، މުހައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށެވެ.
ސައީދު ހަޅުތާލު ނިންމާލީ 35 ގަޑިއިރަށްފަހު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ދިން ޔަގީންކަމާ ގުޅިގެންނެވެ.
ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ސަރަހައްދުގައި އުޅޭ މީހުންނަށާއި، އެ ސަރަހައްދުގެ އާއިލާތަކަށް އޭނާ ތަފާތު ގޮތްގޮތުން އުނދަގޫކުރަމުންދިޔަ މައްސަލަ، ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް އެތައް ފަހަރަކު ހުށަހަޅާފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.






