އާދިއްތަ, October 18
ޔޫކޭއަށް ދަތުރުކުރާ ދިވެހިން އީޓީއޭއަށް ސަމާލުވުމަށް ހައި ކޮމިޝަނުން އެދިއްޖެ

އިނގިރޭސިވިލާތަށް ދަތުރުކުރާ، ނުވަތަ އެ ޤައުމު މެދުވެރިކޮށް ޓްރާންސިޓްކުރާ ދިވެހިން، ދަތުރު ފެށުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދަން ޖެހޭތޯ ބެލުމަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އެދިއްޖެއެވެ.

ހައި ކޮމިޝަނުން އިއްޔެ "އެކްސް"ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ދަތުރު ފެށުމުގެ ކުރިން އިނގިރޭސިވިލާތަށް އެތެރެވުމާއި ޓްރާންސިޓްކުރުމާ ބެހޭ އެންމެ ފަހުގެ ގަވާއިދުތައް ބަލައި، އީޓީއޭއެއް ނަގަން ޖެހޭތޯ ކަށަވަރުކުރުމަށް އެދޭ ކަމަށެވެ.

ހައި ކޮމިޝަނުން މި އިލްތިމާސްކުރީ، ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ޑިޖިޓަލްކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، ވިސާއާ ނުލައި ދަތުރުކުރާ ފަރާތްތަކަށް ހަމަޖައްސާފައިވާ އުސޫލުތަކާ ގުޅިގެންނެވެ.

އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހަމަޖައްސާފައިވާ ގޮތުގައި، ޗުއްޓީ ހޭދަކުރުމަށާއި އާއިލާއާ ބައްދަލުކުރުމަށް ނުވަތަ ވިޔަފާރީގެ ކުރު ދަތުރުތަކުގައި އެ ޤައުމަށް ވަންނަ ފަރާތްތަކާއި، ޓްރާންސިޓްކުރާ ފަރާތްތަކުންވެސް ދަތުރު ފެށުމުގެ ކުރިން އީޓީއޭ ހޯދަން ޖެހެއެވެ. އިނގިރޭސިވިލާތުގެ އެއާޕޯޓެއް މެދުވެރިކޮށް އެހެން ޤައުމަކަށް ދަތުރުކުރާއިރު، ބޯޑަރު ކޮންޓްރޯލް ހުރަސްކުރާ ނަމަ އީޓީއޭ ބޭނުންވާނެއެވެ.

އީޓީއޭއަކީ ވިސާއެއް ނޫނެވެ. އެއީ ޕާސްޕޯޓާ ޑިޖިޓަލްކޮށް ގުޅުވައިލެވޭ ދަތުރުކުރުމުގެ ހުއްދައެކެވެ. މި ހުއްދަ އޮންލައިންކޮށް އަދި ރަސްމީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނެއެވެ. އީޓީއޭއަށް އެދުމަށް 20 ޕައުންޑް ދައްކަން ޖެހެއެވެ.

އީޓީއޭއެއްގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް، ނުވަތަ ޕާސްޕޯޓުގެ މުއްދަތު ހަމަވަންދެން، ކޮންމެ ދަތުރެއްގައި ހަ މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް އިނގިރޭސިވިލާތަށް ވަނުމުގެ ހުއްދަ ލިބެއެވެ. ނަމަވެސް ވަޒީފާ އަދާކުރުމަށާއި ދިގު މުއްދަތަށް ކިޔެވުމަށް ދަތުރުކުރާ ފަރާތްތަކުން ވިސާ ހޯދަން ޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ ޕާސްޕޯޓު އޮންނަ މީހުންނާއި، އެ ޤައުމުގައި ދިރިއުޅުމުގެ ނުވަތަ ކިޔެވުމުގެ ހުއްދަ އޮންނަ މީހުންނަށް އީޓީއޭ ބޭނުމެއް ނުވާނެއެވެ.

އިނގިރޭސިވިލާތަކީ ގިނަ ދިވެހި ދަރިވަރުން ތަޢުލީމު ހާސިލްކުރަމުން އަންނަ، އަދި ބައެއް ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު