މާލޭގައި އާންމުންނަށް އުނދަގޫކުރަމުންދާ ކަމަށް ބުނާ މީހާ ފުލުހުން ހައްޔަރުކުރި ނަމަވެސް، އެ މައްސަލައަށް ހައްލެއް ނުލިބޭތީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށި މުޙައްމަދު ސައީދު ހަޅުތާލު ކުރިއަށް ގެންދާނެ ކަމަށް ބުނެފިއެވެ.
ސައީދު ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ހަޅުތާލު ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ހަޅުތާލު ފެށިތާ 10 ވަރަކަށް ގަޑިއިރު ފަހުން، މިރޭ 6:30 ކަންހާއިރު އުނދަގޫކުރާ ކަމަށް ބުނާ މީހާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ސައީދު ބުނެފައިވެއެވެ.
ނަމަވެސް މީގެ ކުރިން ވެސް އެ މީހާ އެތައް ފަހަރަކު ހައްޔަރުކޮށް، ދޫކޮށްލާފައިވާ ކަމަށާއި ނިޒާމަށް އިތުބާރެއް ނެތީތީ ހަޅުތާލު ނުހުއްޓާނެ ކަމަށް ސައީދު ބުންޏެވެ. "އަޅުގަނޑުގެ ހަޅުތާލަށް ބަދަލެއް ނާންނާނެ. ނުހުއްޓާނަން. އެ އުނދަގޫ ކުރާ މީހާ މިރޭ 6:30 ކަންހާއިރު ހައްޔަރުކޮށްފި. އެހެން ނަމަވެސް އެގޮތަށް އެތައްފަހަރަކު ހައްޔަރުކޮށްފި، ހަމަ ދޫކޮށްލަނީ. މިފަހަރު މިހުރީ ހުއްޓާލާ ގޮތަކަށް ނޫން،" ސައީދު ބުންޏެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު ބުނީ އެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި އެ މީހާގެ އަމަލުތަކާ ގުޅިގެން ފުލުހުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ތަރުޖަމާނު ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހާ މީގެ ކުރިން ވެސް ގާތްގަނޑަކަށް 30 ފަހަރު ހައްޔަރުކޮށް ފިޔަވަޅު އަޅާފައިވެއެވެ. ވަރަށް ފަހުން ވެސް އޭނާ ބަންދުގައި ބަހައްޓާފައިވާ ނަމަވެސް، ދޫކޮށްލުމުން އަނެއްކާވެސް އުނދަގޫކުރަން ފެށި ކަމަށާއި، އަބަދު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ނުބެހެއްޓޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، އެ މީހާއަކީ ސައީދުއާ އާއިލީ ގުޅުމެއް އޮންނަ މީހެއް ކަމަށާއި، އޭނާގެ ފަރާތުން އާންމުންނަށް އުނދަގޫ ފޯރާ ކަމުގެ ގިނަ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ދެން ބަލަން ޖެހޭނީ އޭނާގެ މަސްތުވާތަކެތީގެ ރެކޯޑެއް އޮތްތޯ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައީދު ބުނާ ގޮތުގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ އެ މީހާ ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައިދާ މީހުންނަށް ހަޑިހުތުރު ބަހުން ހަޅޭއްލަވައި، މަގުމައްޗަށް ބައިސްކަލާއި ބޯޑުތައް ދަމައިގެން މަގު ބަންދުކުރެއެވެ. އަދި ބެލްކަނިން ތިރީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެން ޖަހައި، ކައިރީގައި ހުންނަ ގޭގެޔަށް ކުނި އުކާ ކަމަށް ސައީދު ބުނެފައިވެއެވެ.






