މާލެ ސަރަޙައްދުގައި ކަނޑު އަޑީގައި ލޮނުފެން މީރުފެނަށް ބަދަލުކުރާ ނިޒާމެއް ޤާއިމުކުރުމަށް ހަދަންޖެހޭ ޢަމަލީ ދިރާސާތައް، ސަރުކާރުގެ ފެން ކުންފުނި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް، ޤައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓެނިވި ޢުމްރާނީ ތަރައްޤީ ކުރިއެރުވުމަށްޓަކައި، ކަނޑު އަޑީގައި ފެން އުފައްދާ އެންމެ ފަހުގެ އީޖާދީ ޓެކްނޮލޮޖީ (ސަބްސީ ޑީސެލިނޭޝަން) ބޭނުންކުރެވިދާނެ ގޮތްތައް ދިރާސާކުރަމުން ދާ ކަމަށެވެ.
މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން، ފްލޯޝަންގެ ޓެކްނިކަލް ޓީމުން ކަނޑުގެ 500 މީޓަރުގެ އަޑިން ފެނުގެ ސާމްޕަލް ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ފުރަތަމަ މަރުޙަލާގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި، މި ސަރަޙައްދުން ނެގުނު ފެނަކީ އާދަޔާޚިލާފަށް ސާފު ފެނެކެވެ.
ފްލޯޝަންގެ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މި ނިޒާމު ޢަމަލީގޮތުން ޤާއިމުކުރެވުމާއެކު، ފެން އުފެއްދުމަށް ހޭދަވާ ހަކަތަ 40 އާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
މީގެ އިތުރުން، މި ޓެކްނޮލޮޖީގެ ސަބަބުން ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ނުހަނު ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދެއެވެ.
މި ދިރާސާއިން ލިބޭ ނަތީޖާތަކާއި ލެބޯޓްރީގެ ތަޙުލީލުތަކަށް ބަލައި، މިއީ ފަންނީ އަދި އިޤްތިޞާދީ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިޔުއެސްސީން ވަޒަންކުރާނެއެވެ. މިއީ ރާއްޖެއަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޢުމްރާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުންފުނިން ވެފައިވާ ދިގުމުއްދަތުގެ އިލްތިޒާމަށް ލިބޭނެ ބޮޑު ބާރެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.






