މަޖީދީމަގުގައި ހުންނަ "އަތަމާ ޕެލެސް" އިމާރާތުގެ ތިރީބުރީގައި ހިންގަމުންދާ ރެސްޓޯރެންޓެއްގެ ބަދިގޭގައި ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:27 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަގުތުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާން މުޅިން ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ހަވީރު 17:44 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.






