Saturday, October 17
މިއަހަރު މިހާތަނަށް ހިނގި އެކްސިޑެންޓްތަކުގެ އަދަދު 2،300 އިން މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިނގި މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދު 2،300 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ޖުމުލަ 9،912 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކެވެ.

އެގޮތުން ވައްކަމުގެ 2،753 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، އެކްސިޑެންޓްތަކާ ގުޅޭ 2،379 މައްސަލައެއް ވަނީ ރެކޯޑުކުރެވިފައެވެ. މީގެ ތެރޭގައި، ހިނގަމުންދާ އޮކްޓޫބަރު މަހުގެ މިހާތަނަށް އެކަނިވެސް ރިޕޯޓުކޮށްފައިވާ 96 އެކްސިޑެންޓެއް ހިމެނެއެވެ.

ޚާއްސަކޮށް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވުން މަދުކުރުމަށް ފުލުހުން އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، މަގުމަތީގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު ބަދަލުތައް، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށައިފައެވެ.

އެ ގާނޫނުގެ ދަށުން، އުޅަނދެއް ރަޖިސްޓަރީނުކޮށް އަދި ގަވާއިދާ ޚިލާފަށް ދުއްވައިފިނަމަ، ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ދެވަނަ ފަހަރަށް އެ އަމަލު ތަކުރާރުކޮށްފިނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާއިރު، ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 1،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި 183 އުޅަނދު ޓޯކޮށް، 653 މީހަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

މީގެ އިތުރުން، މާލެއާއި ހުޅުމާލޭގެ ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގައި ގާނޫނު ތަންފީޒުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ކަމަށާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްފަހު އެކަމުގެ މަޢުލޫމާތު މެސެޖަކުން އަންގާނެ ކަމަށް ފުލުހުން މިދިޔަ ބުދަ ދުވަހު ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މަދުކުރެވޭނީ ހުރިހާ ރައްޔިތުންވެސް ގަވާއިދުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ޒިންމާދާރުކަމާއެކު އުޅަނދުފަހަރު ދުއްވައިގެން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު