Saturday, October 17
އުނދަގޫކުރާ މައްސަލައެއް ހައްލު ނުވާތީ މީހަކު ފުލުހުންގެ އިދާރާގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށައިފި

ދޮޅު އަހަރެއްހާ ދުވަހު އަވަށްޓެރިއެއްގެ ފަރާތުން ކުރިމަތިވަމުންދާ އުނދަގޫތަކަށް ކަމާބެހޭ އިދާރާތަކުން ހައްލެއް ހޯދައިނުދޭތީ، މީހަކު ފުލުހުންގެ އިދާރާއަށް ގޮސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް މިއަދު ފަށައިފިއެވެ.

މިކަން ހާމަކޮށް މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި، މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުވާ މީހެއްގެ ފަރާތުން އޭނާގެ އާއިލާއަށާއި އަވަށްޓެރިންނަށް އަދި އެ މަގުތައް ބޭނުންކުރާ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ސައީދު ބުނި ގޮތުގައި، އެ މީހާ މަގުމަތިން ހިނގާފައިދާ މީހުންނާ ދިމާއަށް ހަޑިހުތުރު ބަހުން މުއާމަލާތްކުރެއެވެ. އަދި ސައިކަލުތައް މަގުމައްޗަށް ނެރެ، އެހެން ތަންތަނުން މަގު ބަންދުކުރާ ބޯޑުތައް ދަމާފައި ގެނެސް ޓްރެފިކަށް ހުރަސްއަޅާ ކަމަށާއި، ސައީދުގެ އާއިލާ ދިރިއުޅޭ ގެއަށް ކުނި އަޅާފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެ މަންޒަރު ދެ ފަހަރެއްގެ މަތިން ކެމެރާއަށް ރެކޯޑުކުރެވިފައިވާ ކަމަށް ސައީދު ބުންޏެވެ.

މީގެ އިތުރުން، ބެލްކަނީގައި ހުރެގެން މަގުމަތިންދާ މީހުންގެ ގަޔަށް ތެޔޮ އަދި ފެން އުކާ ކަމަށާއި، އޭގެ ތެރޭގައި ސައީދުގެ ގަޔަށްވެސް ތެޔޮ ޖަހާފައިވާ ކަމަށް ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ، ދަންވަރުން ފެށިގެން ފަތިސްވަންދެން މެދުނުކެނޑި އަޑުގަދަކޮށް ހަޅޭއްލަވާ ކަމަށާއި، ސައީދުގެ އާއިލާ ދިރިއުޅޭ އިމާރާތަށް ވަންނަ މީހުންގެ ފަހަތުން ހުއްދައެއް ނެތި އެތައް ފަހަރަކު އިމާރާތުގެ ތެރެއަށް ވަދެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓުކޮށް، ހެކިތައްވެސް ހުށަހަޅާފައިވާ ކަމަށް ސައީދު ބުންޏެވެ. ނަމަވެސް ދޮޅު އަހަރު ވީއިރުވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، އާއިލާ ރައްކާތެރިކޮށްދިނުމުގައި މުއައްސަސާތައް ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސައީދު ހަޅުތާލު ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން މި މައްސަލައަށް ހައްލެއް ހޯދައިދެންދެން ހަޅުތާލު ހުއްޓައިނުލާނެ ކަމަށާއި، އޭނާ އެދެނީ އާއިލާއަށާއި އެ މަގުތައް ބޭނުންކުރާ ހުރިހާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ސައީދު ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ބުނީ، އުނދަގޫކުރާ ކަމުގެ ތުހުމަތުވާ މީހާގެ މައްސަލަތައް މީގެ ކުރިންވެސް ފުލުހުންނަށް ލިބިފައިވާ ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން އެ މީހާއާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުން ގެންދާ ކަމަށެވެ. އަދި ހަޅުތާލުކުރާ މީހާއާއި އޭނާގެ އާއިލާއަށް ކުރިމަތިވާ ދަތިތަކަށް ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދައިދިނުމަށް ފުލުހުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ޝިޔާމް ދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު