މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަ މުއައްސަސާއަކަށް 2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ބަދަލުކުރުމަކީ އެ ވުޒާރާގެ މައިގަނޑު އަމާޒު ކަމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖޭގެ ޒަކާތުގެ ނިޒާމާއި ވަޤުފް މަޝްރޫޢުތައް އިތުރަށް ހަރުދަނާކޮށް، އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އެ ވުޒާރާއިން އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ މުސާރަ ފިޔަވައި، ވުޒާރާގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ މާލީ ވަސީލަތްތަކުން އެ ޚަރަދުތައް ހަމަޖެއްސުން ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.
ޒަކާތުގެ ފަންޑުތައް ބޭނުންކުރެވޭނީ ޝަރުޢީ ހަމަތަކުގެ މަތިން ކަމަށާއި، ވަޤުފް އިންވެސްޓްމަންޓްތަކުން ލިބޭ މަންފާ ހޭދަކުރެވޭނީ އެ ވަޤުފެއް ކަނޑައެޅިފައިވާ މަޤްޞަދުތަކަށް އެކަނި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެ ވުޒާރާގެ މާލީ ބިންގާ ވަރުގަދަކުރުމުގެ ގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ 8 މަޝްރޫޢެއް ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މި އިސްނެގުމުގެ ސަބަބުން މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުން، އިސްލާމީ ތަޢުލީމު ފުޅާކުރުން، އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން، އަދި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމުތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ދެކެއެވެ.
މިއީ މާލީ މިނިވަންކަމާއި ދެމެހެއްޓެނިވި ވަޤުފް ތަރައްޤީއަށް އެޅޭ އިންޤިލާބީ ފިޔަވަޅެއް ކަމަށާއި، އަންނަން އޮތް ޖީލުތަކަށް އިސްލާމީ ޚިދުމަތުގެ ދާއިރާއިން ދޫކޮށްލެވޭ އަގުހުރި ތަރިކައެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.






