ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް އަމާޒުކޮށް ދޮގު ވާހަކަތައް ފެތުރުމާއި ބިރުދެއްކުން ހުއްޓާލުމަކީ ޤައުމުގެ ކުރިމަގަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ "މޯލްޑިވްސް އިންޑިޕެންޑެންޓް"ގައި ޝާއިޢުކުރި ޚަބަރެއްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި، އެއީ ދޮގު ޚަބަރެއްކަން ފާހަގަކުރައްވާފައެވެ. އެ ޚަބަރުގައި ވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު ތަރައްޤީކޮށް ހިންގާ ޓައުންޝިޕް ޕްރޮޖެކްޓުގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގުމަށް، އެފަދަ ޕްރޮގްރާމުތައް ހިންގުމުގައި މަޝްހޫރު ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ސަޢީދު ވިދާޅުވީ ސިޔާސީ ގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތަކަކީ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ވެގެން ނުވާނެ ކަމަށެވެ. ރައްޔިތުންގެ ލާބައާއި އިންވެސްޓްމަންޓްތަކުން އުފެދޭ ފުރުޞަތުތަކަށްޓަކައި، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓާލަން ޖެހޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި މިފަދަ ކަންކަމުން ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް، މިފަދަ ދޮގު ވާހަކަތައް ވާނީ ހިތްގައިމު މިޔުޒިކަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ބަޔަކަށް ޤަބޫލުކުރަން ދަތިވި ނަމަވެސް ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަން ކަމަށާއި، ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއަކީ އަބަދުވެސް ބަދަލުވަމުން "އިވޯލްވް" ވަމުންދާ ދާއިރާއެއް ކަމަށް ސަޢީދު ވިދާޅުވިއެވެ. "އެއީ ޓޫރިޒަމްގެ ހަޤީޤަތް. ނަފުރަތާއި ދޮގާއި ހަސަދައަކުން މި އިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ،" މިނިސްޓަރު ލިޔުއްވާފައިވެއެވެ.
ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ޤާނޫނު ކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުހިނގާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ކަންކަމުގެ ޙަޤީޤަތް ބެލުމުގެ ބަދަލުގައި ދޮގު ޚަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް ސަޢީދު ވަނީ އިލްތިމާސްކުރައްވާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްވެސް ވަނީ، ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްގެން އެފަދަ ޕްރޮގްރާމެއް ރަސްމާލޭގައިވެސް ހިންގަން އުޅޭ ކަމަށް ތުހުމަތުކުރައްވާފައެވެ.
ރާއްޖޭގައި އިންވެސްޓަރުންނަށް ދިރިއުޅެވޭ ގޮތަށް ފަރުމާކުރާ "މޯލްޑިވްސް ޕާލް ރެޒިޑެންސީ" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެ ޕްރޮގްރާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހެންލީ އެންޑް ޕާޓްނާސްއާއެވެ.
ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރަން ސަރުކާރުން އުޅޭ ކަމަށް ބުނެ، އެ ޕްރޮގްރާމް ހުއްޓާލަން ގޮވާލައި އިދިކޮޅު އެމްޑީޕީން މިދިޔަ އޯގަސްޓު މަހު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅި ނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ގަރާރު ބޭރުކޮށްލިއެވެ.






