ޅ. ނައިފަރާއި އެ އަތޮޅު އޮޅުވެލިފުށީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިހުން ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ނައިފަރުން ހައްޔަރުކޮށްފައިވަނީ އެ ރަށު ސޯސަންވިލާ، ޙަސަން ހުޝާމު (35އ) އާއި ކަދުވަލުގެ، އާދަމް ނަޞީރު (32އ) އެވެ.
ދެވަނަ އޮޕަރޭޝަން ހިންގީ އޮޅުވެލިފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ. މި މަހުގެ 13 ވަނަ ދުވަހު އޮޅުވެލިފުށި ޕޮލިހުން ހިންގި އޮޕަރޭޝަނުގައި، އެ ރަށު ޝެހެނާޒްގެ، މުޙައްމަދު އަފްރާޙް (28އ) މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 7 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން ހުޝާމާއި އާދަމް ނަޞީރުގެ ބަންދަށް 7 ދުވަސް ދީފައިވާއިރު، މުޙައްމަދު އަފްރާޙް 8 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަތައް ތަހުގީގުކުރަމުން ދާ ކަމަށެވެ.






