ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އައްޔަންކޮށްފިއެވެ.
ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރި ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ފެނަކައިގެ ހިންގުން ވަގުތީ ގޮތުން ޑރ. އަޒުވަރާ ހަވާލުކުރުމުގެ އިތުރުން، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް ހ. ހުދުރިޔާ، އިބްރާހީމް ނިޒާމް އައްޔަންކޮށްފައިވާ ކަމަށެވެ.
މި ބަދަލު ގެނެސްފައިވަނީ، ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުޙައްމަދު އަފީފް ހުސައިން، ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރުމަށް ފަހުގައެވެ. ޚަރަދު ކުޑަކުރުމާއި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް މި ބަދަލު ގެނެސްފައިވާ ކަމަށް ޕީސީބީން ބުނެފައިވެއެވެ.
ފެނަކަ ކޯޕަރޭޝަން އުވާލައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށްދާ މަސައްކަތް ނިމުމުން، ކަރަންޓުގެ ޚިދުމަތް ދިނުމަށް އޮންނާނީ ސްޓެލްކޯ އެކަންޏެވެ.
ރައީސް އެ ދުވަހު ވިދާޅުވީ، މިދިޔަ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ހާމަވާ ކަމަށާއި، ފަންނީ ބޭފުޅުންނާ މަޝްވަރާކޮށް ބެލިއިރު ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކުންފުންޏެއް ނޫން ކަމަށެވެ.






