ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި "ހޯކްސް ވޮޔޭޖް" ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތެއް ކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތިން އޮފިސަރަކަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" މިއަދު އަރުވައިފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މެޑަލް އޮފިސަރުންނާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ކަމަށެވެ.
ރަން މެޑަލް ހާސިލުކުރި އޮފިސަރުންނަކީ ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245)، ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279) އަދި ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852) އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރުއެވެ. ހޯކްސް ވޮޔޭޖް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ވަނީ ކަނޑުވެފައެވެ. ނަމަވެސް، މޫސުން ގޯސްވެ ކަނޑު ގަދަ ހާލަތެއްގައި މި ތިން އޮފިސަރުން ކުރި ހިތްވަރުގަދަ މަސައްކަތުން، މާތް ﷲ ގެ ރަޙްމަތްފުޅާއެކު ކަނޑުވި މީހުންގެ ތެރެއިން 8 މީހެއްގެ ފުރާނަ ވަނީ ސަލާމަތްކުރެވިފައެވެ.
މެޑަލް ހަވާލުކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ސީޕީ އަޙްމަދު މުޙައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ސާބިތުކަމާއި ހިތްވަރާއި އިޚްލާޞްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އަމިއްލަ ނަފްސަށް ނުބަލައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މި އޮފިސަރުން ދެއްކެވި ހިތްވަރަށް ސީޕީ ވަނީ ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، މިފަދަ ކުއްލި އަދި ނުރައްކާތެރި ހާދިސާތަކާ ކުރިމަތިލާއިރު އެންމެން ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަންވެސް ސީޕީ ފާހަގަކުރެއްވިއެވެ. އާންމު ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.






