Thursday, October 15
އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މި މަހުގެ 31 ގައި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފިއެވެ.

ކުރިން ފަސްކުރެވިފައިވާ މި އިންތިޚާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 31 ވާ ހޮނިހިރު ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ.

އެލްޖީއޭއިން ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެލްޖީއޭއިން ޢާންމުކޮށްފައިވާ ގޮތުގައި މި އިންތިޚާބުގައި ކައުންސިލަރުންގެ ތެރެއިން ވާދަކުރަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނ. މަނަދޫ ކައުންސިލްގެ ރައީސް ޢަލީ ޡާފިރެވެ. އަދި އަންހެނުންގެ ކޮމިޓީގެ ރައީސުންގެ ތެރެއިން ވާދަކުރަނީ ލ. ގަމު ކޮމިޓީގެ ރައީސް މަރްޔަމް ނީނާއާއި ށ. ފުނަދޫ ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއެވެ.

މި އިންތިޚާބުގެ ވޯޓުނެގުމަށް މާލެ ސިޓީގައި ވޯޓުފޮށި ހުންނާނީ އެލްޖީއޭގައެވެ. އަތޮޅު ތެރޭގައި ސަރުކާރުގެ ޚިދުމަތު މަރުކަޒުތަކުގައި ވޯޓުފޮށި ބަހައްޓާއިރު، އައްޑޫ ސިޓީ ހުޅުދޫގައި ވޯޓުފޮށި ބަހައްޓާނީ ހުޅުދޫ އިޖްތިމާޢީ މަރުކަޒުގައެވެ.

މި އިންތިޚާބު އެލްޖީއޭއިން މުއްދަތެއް ނެތް ގޮތަށް ފަސްކުރީ، އިންތިޚާބާ ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތް ނިމިފައި ނުވާތީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު