ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ރަސްމީކޮށް ހަވާލުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު އެ ސިޓީގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާއިޝަތު މުޒްނާއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާ ކަމަށްވެސް ޑރ. އަޒުވަރު ވިދާޅުވިއެވެ.
ފެނަކަ އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި މަސައްކަތުގެ ދަށުން ސްޓެލްކޯއިން ރާއްޖޭގެ 5 ސިޓީގެ ތެރެއިން 3 ސިޓީގެ ކަރަންޓުގެ ޚިދުމަތާ މިހާރުވެސް ހަވާލުވެފައިވާއިރު، ރަށްރަށުގެ ޚިދުމަތްތަކާ ވެސް ދަނީ ހަވާލުވަމުންނެވެ.






