މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދިވެހި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ، މާލެ، މުޙައްމަދު ރަޝްވާން ޢައްބާސް (53އ) ކަމަށެވެ. އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ، މި ނެޓްވޯކަށް އަމާޒުކޮށް ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ހެންވޭރު ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. މި މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އެ ގެއާއި އެކަމާ ގުޅުންހުރި ތަންތަން ބަލައިފާސްކޮށް ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ.
މި މައްސަލާގައި މީގެ ކުރިން ބަންގްލަދޭޝްގެ ތިން ފިރިހެނަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށެވެ.






