Thursday, October 15
ކުލި ނުދައްކާތީ އަމާން ޓަވަރުތަކުގެ ދެ ޔުނިޓެއް 15 ދުވަހުގެ ތެރޭގައި ހުސްކުރަން އެފްޑީސީން އަންގައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "އަމާން ޓަވަރު"ތަކުގެ ދެ ހައުސިންގ ޔުނިޓެއްގެ ކުލި ނުދައްކާތީ، އެ ޔުނިޓުތަކާ ގުޅޭ އެއްބަސްވުން ބާތިލުކޮށް ތަންތަން ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.

އެފްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުން ދޫކޮށްފައިވާ މި ދެ އެޕާޓްމަންޓް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ހުސްކޮށް އެފްޑީސީއާ ހަވާލުކުރުމަށް އަންގާފައިވާ ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ ކުރިން އެ ކޯޕަރޭޝަނާއެކު ވެފައިވާ ޔުނިޓު ކުއްޔަށްދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެފްޑީސީން ބުނެއެވެ.

އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދީފައިވާ ކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ވަނީ ދީފައެވެ.

މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން އެ ފަރާތްތަކާ ހަވާލުކުރެވުނު ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތު ހަމަވިއިރުވެސް ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލުކުރަން ނިންމީ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.

އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ފަރާތްތަކުގެ ފަހި ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލާފައެވެ.

އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ޖުމްލަ 4,000 ހައުސިންގ ޔުނިޓް ހިމެނެއެވެ. 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ މެއިންޓެނަންސް ފީ ހިމެނޭހެން 10,000 ރުފިޔާ ކަމަށްވާއިރު، 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ މެއިންޓެނަންސް ފީއާއެކު 7,000 ރުފިޔާއެވެ.

އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކެވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު