Thursday, October 15
އިމްޕޯޓް ޑިއުޓީ އާއި ޖީ.ޖީ.އެސް.ޓީ އިތުރުވުމާއެކު ދައުލަތުގެ އާމްދަނީ 31.6 ބިލިއަން ރުފިޔާއަށް އަރައިފި

މިއަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.6 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި ލިބިފައިވަނީ 31.566 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.635 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.0 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ކުރިއެރުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ޚިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 18.3 އިންސައްތަ އިތުރުވެ، 2.757 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 2.331 ބިލިއަން ރުފިޔާގައެވެ. ޖީ.ޖީ.އެސް.ޓީ އާމްދަނީއަށް ވެސް 7.7 އިންސައްތައިގެ ކުރިއެރުމެއް އައިސް، 4.375 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މި ކުރިއެރުންތަކާއެކު، ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ 7.4 އިންސައްތަ އިތުރުވެ، 24.394 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މީގެ އިތުރުން، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3 އިންސައްތަ އިތުރުވެ 5.798 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 1.542 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.565 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 9.1 އިންސައްތައިގެ ކުރިއެރުމެކެވެ.

މުދަލުން ލިބުނު އާމްދަނީ 12.3 އިންސައްތަ އިތުރުވެ 1.954 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 77.0 އިންސައްތަ އިތުރުވެ 0.515 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ނަމަވެސް، 8 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 35.984 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި 31.053 ބިލިއަން ރުފިޔާގެ ރިކަރަންޓް ޚަރަދާއި 4.931 ބިލިއަން ރުފިޔާގެ ކެޕިޓަލް ޚަރަދު ހިމެނެއެވެ.

މުވައްޒަފުންގެ މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1 އިންސައްތަ އިތުރުވެ 5.556 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޚަރަދު 43.7 އިންސައްތަ އިތުރުވެ 10.366 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ކުރި 4.265 ބިލިއަން ރުފިޔާ އާއި އާސަންދައަށް ކުރި 1.910 ބިލިއަން ރުފިޔާ ހިމެނެއެވެ.

އަދި ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ވަނީ 5.2 އިންސައްތަ ދަށްވެ، 3.801 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ.

މި ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކަނީ 4.418 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު