ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޙައްމަދު އަފީފް ހުސައިން އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަފީފް މަގާމުން ވަކިކޮށްފައިވާކަން ޔަގީންކޮށްދީފިއެވެ. ނަމަވެސް އޭނާ ވަކިކުރި ސީދާ ސަބަބެއް އެ ބޯޑުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އަފީފް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާގެ ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު ނަޖާހުއެވެ. އަފީފަކީ މި ސަރުކާރުގައި ފެނަކަ ހިންގުމާ ހަވާލުވި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ.
ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އަފީފަކީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގައެވެ.
މި ބަދަލު އައިސްފައިވަނީ ފެނަކަ އުވާލައި އެ ކުންފުނީގެ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި ފެނަކައިގެ ދަށުން ފޯރުކޮށްދެމުން އައި އަސާސީ ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. ބާކީ ރަށްތަކުގެ މަސައްކަތްތަކާ ހަވާލުވުމުގެ ތައްޔާރީތައް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.






