މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ޓްރެފިކް ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ނިންމައިފިއެވެ.
ޖުޑިޝަރީ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ފުލުހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްއެވެ. މި ހުށަހެޅުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި ފޭދޫ ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވަނީ ތާޢީދުކުރައްވާފައެވެ. ފުލުހުން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.
މެންބަރު ނާޒިލް ވިދާޅުވީ، އެއްގަމު ދަތުރުފަތުރާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ޤަވާޢިދާ ޚިލާފަށް އުޅަނދު ދުއްވުން ޢާންމުވެފައިވުމަކީ އެކްސިޑެންޓުތައް ގިނަވާ މައިގަނޑު އެއް ސަބަބުކަން ފާހަގަކުރައްވަމުން، މަގުމަތީގެ ޤަވާޢިދުތައް ތަންފީޒުކުރުމުގައި ފުލުހުންގެ ފަރާތުން އެކަށީގެންވާ ސަމާލުކަމެއް ނުލިބޭ ކަމަށް ވިދާޅުވިއެވެ. ޓްރެފިކް ބެލެހެއްޓުމަށް ނެރޭ އޮފިސަރުން ޒިންމާދާރުކުރުވުމަކީ މުހިންމު ކަމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.
ކޮމިޓީގެ އެހެން މެންބަރުންވެސް ވަނީ، ޤާނޫނާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ނުހިތުމަކީ މި މައްސަލަ އިތުރަށް ގޯސްވާ މައިގަނޑު ސަބަބުކަން ފާހަގަކުރައްވާފައެވެ. ޖުޑިޝަރީ ކޮމިޓީން މަސައްކަތް ކުރަމުންދަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށެވެ.






