Wednesday, October 14
އަބުޗާ ދޫކޮށްލި މައްސަލަ ބަލަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ޕެރޯލްގެ ދަށުން އަބްދުﷲ އިބްރާހިމް (އަބުޗާ) ދޫކޮށްލި މައްސަލަ ބަލައި، ކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މި މައްސަލަ ކޮމިޓީން ބަލަން ނިންމީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެ ސިޓީގައި ފާހަގަކުރައްވާފައިވަނީ، މިއީ އާންމު މަސްލަހަތާ ގުޅިފައިވާ ބޮޑު މައްސަލައަކަށް ވާތީ، ކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

އަދި މިފަދަ ބޮޑު ކުށްވެރިއަކު ދޫކޮށްލަން ޕެރޯލް ބޯޑުގެ މެންބަރުންނަށް ގާނޫނީ ގޮތުން އޮޅުންއެރީ ކީއްވެގެންތޯއާއި، މިނިވަންކުރުމަށްފަހު އިދާރީ ނިންމުމަކުން އަލުން ހައްޔަރުކުރެވޭނެ ގާނޫނީ އިޖުރާއަތަކީ ކޮބައިތޯ ބެލުން ހިމެނޭގޮތަށް މުޅި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް އޭނާ ހުށަހަޅުއްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ޕެރޯލް ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވި ހުށަހެޅުމަށް، ކޮމިޓީގެ ހުރިހާ މެންބަރުން ވަނީ އިއްތިފާގުން ތާއީދުކުރައްވާފައެވެ. ބޯޑުގެ މެންބަރުން މިވަގުތު ނެތުމާއެކު، ކަން ހިނގައިދިޔަ ގޮތް ލިޔުމުން ސާފުކުރުމަށްވެސް މެންބަރުން ވަނީ ހުށަހަޅުއްވާފައެވެ.

ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ، ޕެރޯލްގެ އުސޫލުގެ ދަށުން ނުރަނގަޅުކޮށް މީހަކު ދޫކޮށްލުމުން ބޯޑުގެ މެންބަރުން ވަކިކުރުމަކީ ނުވަތަ އެކަން ކުރި މީހުން އިސްތިއުފާ ދިނުމަކީ ހައްލެއް ނޫން ކަމަށާއި، ބަލަންޖެހޭ ކަންކަން ބަލައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

އަބުޗާއަކީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ކަނޑުމަތިން އަތުލައިގަތް މީހެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، ކޮންމެ ދައުވާއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅުނު ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ މެއި މަހު އޭނާގެ މައްޗަށް އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އަބުޗާ ތަންފީޒުކޮށްފައި ވަނީ ގާތްގަނޑަކަށް ފަސް އަހަރުގެ ޖަލު ހުކުމެކެވެ. ހުކުމުން އަދިވެސް 20 އަހަރު ބާކީ އޮތް ނަމަވެސް، މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެރޯލް ބޯޑުން އޭނާ ދޫކޮށްލުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެފައިވަނީ، ގާނޫނީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ނުބަލައި އަދި ސިޔާސަތުތަކާވެސް ޚިލާފަށް އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލި ކަމަށާއި، އެ ނިންމުން ނިންމި ބޯޑުގެ 6 މެންބަރުން ވަކިކޮށް، ބޯޑަށް އަލުން މެންބަރުން އައްޔަންކުރާނެ ކަމަށެވެ. އަދި މި މަހުގެ 6 ވަނަ ދުވަހު އަބުޗާ ވަނީ އަލުން ޖަލަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު