Wednesday, October 14
ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ބާރު ބޭރު ފަރާތަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އަސްކަރީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމުގެ ބާރު، ބޭރުގެ އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށާއި، އެއީ ސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ޙައްޤެއް ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމެނޭގޮތުން، ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ދިވެހި ދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއް ކަމަށް ބަޔާނުގައިވެއެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، މި ހުދޫދުގެ ތެރެއިން ސަރަޙައްދު ބަލަހައްޓައި މިނިވަންކަމާއި ދައުލަތުގެ ސިޔާދަތު ރައްކައުތެރިކުރުމަކީ ދިވެހިން ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެއް ކަމަށެވެ. މިކަމަށް ދިވެހި ތާރީޚު ހެކިދެއެވެ.

ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު، ދިވެހިރާއްޖެއަކީ އިސްތިރާޖީގޮތުން މުހިންމު ތަނެއްގައި ލައްވާފައިވާ ޤައުމެއް ކަމަށާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން، ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ދުނިޔޭގެ ތެލުގެ އަދި އެހެނިހެން ވިޔަފާރިތަކަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ޚިދުމަތެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ މިނިވަންކަމާއި ދައުލަތުގެ ސިޔާދަތު ޙިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތެއް ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން، މި ސިޔާސަތަކީ މި ސަރަޙައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ވިޔަފާރީގެ މުޢާމަލާތުތަކަށް ފަހި ވެއްޓެއް ޤާއިމުކޮށްދިނުމަށް ގެންގުޅޭ މުހިންމު ސިޔާސަތެއް ވެސް މެއެވެ.

ސަރުކާރުން ފާހަގަކޮށްފައިވަނީ، ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ މިނިވަންކަމަށާއި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށެވެ. އަދި މި ސަރަޙައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނޭ ކަމެއް ނުކުރުމަކީ ސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމަށްވެސް ބުނެފައިވެއެވެ.

ބަޔާނު ނިންމާލަމުން ސަރުކާރުން ބުނެފައިވަނީ، ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ ކަމަށެވެ. އަދި، މިނޫން ގޮތަކަށް މޭރުންވެދާނޭ ގޮތަށް ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ވޮއިސް ބުނާ ގޮތުގައި، ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު