ރ. ކިނޮޅަހުގައި އަލަށް އިމާރާތްކުރަމުންދާ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގޮސް، މުޅި މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ފަރުދުން ބުނީ، ޒަމާނީ ޕޮލިސް ޕޯސްޓުގެ ބޮޑުބައި މިހާރު ނިމި، މުޅި މަޝްރޫޢުގެ 62 އިންސައްތަ މަސައްކަތް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި ކަމަށެވެ. މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ފިނިޝިންގ މަސައްކަތްތަކެވެ. އެގޮތުން ސީލިންގް އެޅުމާއި، ފްލޯ ކޮންކްރީޓް ސްކްރީޑް އެޅުމުގެ މަސައްކަތްތައް ދަނީ ފޯރިއާއެކު ހިނގަމުންނެވެ.
މީގެ އިތުރުން އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަށައިގެން ރާނާ އިންފާރުގެ ލިންޓެލް ބީމްތައް އެޅުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ. އަދި އެތެރޭގެ ޓައިލްސް ޖެހުމާއި ޕްލާސްޓަރު ކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.
ކިނޮޅަހުގައި ތަރައްގީކުރާ މި ޕޮލިސް ޕޯސްޓަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ މަޝްރޫޢުގެ ބައެކެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 10 ރަށެއްގައި ޕޮލިސް ޕޯސްޓް އަދި 5 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
ޕޮލިސް ޕޯސްޓްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ 10 ރަށަކީ އދ. އޮމަދޫ، އއ. ފެރިދޫ، ބ. މާޅޮސް، ރ. ކިނޮޅަސް، ނ. ފޮއްދޫ، ހދ. ފިނޭ، ދ. ރިނބުދޫ، ރ. ފާއިނު، ނ. މާފަރު އަދި ބ. ފުޅިދޫއެވެ. މީގެ އިތުރުން ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަސް، ދ. މީދޫ، ކ. މާފުށި، ކ. ތުލުސްދޫ އަދި ނ. މަނަދޫގައެވެ.
ކިނޮޅަހު ކައުންސިލުން ފާހަގަކުރާ ގޮތުގައި، މި އައު ޕޮލިސް ޕޯސްޓް އިމާރާތާއެކު ރަށުގެ އަމާންކަން ދެމެހެއްޓުމަށާއި ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.






