ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމުގެ ސަބަބުން އެ ނޫޓު މަދުވެފައިވާތީ، 5ރ. ގެ ނޫޓުގެ އައު ސްޓޮކެއް ގެނެސް މާދަމާއިން ފެށިގެން ދައުރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
އެމްއެމްއޭ އިން ބުނީ، އިޤުތިޞާދުގައި ނަގުދު ފައިސާއަށް އޮންނަ ޑިމާންޑަށް ބަލައި، ބާޒާރަށް ބޭނުންވާ މިންވަރަށް ނޫޓު ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށެވެ. އަދި ފަސް ރުފިޔާގެ ނޫޓަކީ ކުދި ވިޔަފާރިތަކާއި އާންމު ދިރިއުޅުމުގައި ގިނައިން ދައުރުވާ، އެ އޮތޯރިޓީން ގިނަ އަދަދަކަށް ދޫކުރާ ނޫޓެއް ކަމަށް ވެސް އެމްއެމްއޭ އިން ފާހަގަކޮށްފައިވެއެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، ސްޓޮކް މަދުވި މައިގަނޑު ސަބަބަކީ ވިޔަފާރިތަކުންނާއި އާންމުން ބޭންކުތައް މެދުވެރިކޮށް މަރުކަޒީ ބޭންކަށް ފަސް ރުފިޔާގެ ނޫޓު އަނބުރާ ޖަމާކުރާ މިންވަރު ވަރަށް ދަށްވުމެވެ. މީގެ އިތުރުން، ގިނަ ދުވަސްވުމުން ނޫޓުތައް ބާވެ ބޭނުންނުކުރެވޭ ހާލަތަށް ދިއުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އަލަށް ޗާޕުކޮށްގެން ގެނައި 5ރ. ގެ ނޫޓުގައި ޖަހާފައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 ކަމަށާއި، ނޫޓުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މިއީ މިހާރު ބޭނުންކުރަމުންދާ ރަން ދިހަ ފަހެއް ނޫޓު ސީރީޒްގެ 5ރ. ގެ ނޫޓު 2017 ވަނަ އަހަރު ތައާރަފްކުރި ފަހުން، އޭގެ އައު ސްޓޮކެއް ގެނައި ފުރަތަމަ ފަހަރު ކަމަށް ވެސް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.
އައު ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން (ރ) ހިމަނާފައިވާނެ ކަމަށާއި، މިހާރު ދައުރުވަމުންދާ 5ރ. ގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.






