މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިޢުލާންކުރެއްވުމަށްފަހު ފެއްޓެވި "ދޮރުންދޮރަށް" ކެމްޕޭން ހަރަކާތުގެ ތެރެއިންނެވެ.
އެމަނިކުފާނު ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަކީ ބޯހިޔާވަހިކަން ކަމަށާއި، މި މައްސަލައަށް އަވަސް އަދި ވަށާޖެހޭ ފުރިހަމަ ހައްލެއް ބޭނުންވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދީގެން ޙައްލު ކުރަން މަސައްކަތް ކުރާނެ އެއް މައްސަލަ އަކީ މިއީ،" ފައިސަލް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުން އެދޭ ކަންކަން ދެނެގަތުމަށްޓަކައި ދޮރުން ދޮރަށް ހިނގައި، ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، ސީދާ އެމީހުންގެ ކަންބޮޑުވުންތަކުގެ އަޑު އެހުމަކީ އެންމެ މުހިންމު އެއް ކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގެ ފުރަތަމަ ފަސް އަހަރު ވެގެންދާނީ މި މައްސަލައަށް ފުރިހަމަ ޙައްލެއް ލިބިގެންދާނެ ދައުރަކަށް ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
މި ހަރަކާތުގައި ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މޭޔަރުގެ ޙައިޘިއްޔަތުން ރައްޔިތުންގެ ގާތަށް ކުރައްވާ ޒިޔާރަތްތަކުގައި ވެސް އެންމެ ގިނައިން ހުށަހެޅެނީ ބޯހިޔާވަހިކަމާ ގުޅޭ ޝަކުވާތައް ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެދެވޭ އެއްވެސް މަސައްކަތެއް ކޮށްދެވިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.






