ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތަޙުޤީޤަށް 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް 7 ދުވަހަށް ބަންދުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިރުމަތީ / ލ. މާމެންދޫ، މުހައްމަދު ސައިފް (27އ) އެވެ.
ސައިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.
މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލެ ފޭސް 2 ގައި، ވަންވޭއާ ދެކޮޅަށް ތިން މީހުން ތިބެގެން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި ޖުމުލަ ފަސް މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން ހަތަރު މީހެއް ހާލު ސީރިއަސް އިރު، ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.
އެ އެކްސިޑެންޓުގައި ތިން މީހުން ތިބި ސައިކަލު ދުއްވަން އިނީ ގިނަ ކުށްތަކެއްގެ ރެކޯޑް އޮންނަ، ބަންދު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލާފައިވާ ހ. ލާމިޔާ، އަހްމަދު އުވެއިސް އެވެ. އުވެއިސް ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގައެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް ތިން މީހުން އަރުވައިގެން ދުއްވި ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.






