Saturday, October 31
ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް ނޯޓިސްދީ، 28 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް

އިމިގްރޭޝަނަށް ހާޒިރުވުމަށް 165 ބިދޭސީންނަށް ނޯޓިސްދީ،
28 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހުޅުމާލޭގައި އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި 314 ތަނެއް ބަލައި ފާސްކޮށް 769 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށާއި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އިމިގްރޭޝަންގެ 200 އަށްވުރެން ގިނަ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައިވާއިރު، ގަވާއިދާ ޚިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިން (ވަޒީފާ ދޭ ފަރާތްތަކަށް) ލިޔުމުން ނަސޭހަތްދީފައިވެއެވެ. އަދި ދެވުނު ނޯޓިސްއާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އެ މީހުންނާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިއްޔެ ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށާއި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަމުންދާ ކަމަށެވެ. އެގޮތުން މާލޭގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުން ގަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދިން މީހުންގެ 95 އިންސައްތަ މީހުން އެ އޮފީހަށް ހާޒިރުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މީހުންގެ ތެރެއިން ލިޔެކިޔުންތައް ރަނގަޅުކުރުމާއި ވިސާ ރަނގަޅު ކުރުމަށް ބޭނުންވި މީހުންގެ ވިސާ ރަނގަޅުކޮށްދީފައިވާނެ ކަމަށާއި މި ކުރެވޭ މަސައްކަތުން ބިދޭސީން ގެންގުޅޭ ފަރާތްްތަކާއި އަދި ބިދޭސީ މަސައްކަތްތެރިން ވެސް ގަވާއިދުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ވެސް ޝަމްޢާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު