Saturday, October 31
ރައީސަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހަލުވި ތަހުގީގެއް ހިންގުމަށް ޕީއެންސީއިން ގޮވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިން މައްސަލައިގައި ހަލުވި ތަހުގީގެއް ހިންގުމަށް ޕީއެންސީއިން ގޮވާލައިފިއެވެ.

ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނީ، ''Ablor Myad Yosef'' ގެ ނަމުގައި ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ މީހެކެވެ. މަރުގެ އިންޒާރު ދިނީ ރައީސްގެ ސޯޝަލްމީޑިއާ ޕޭޖުން ރޭ ގެނެސްދިން ލައިވްއަށް ކުރި ކޮމެންޓެއްގައެވެ.

މިކަމާ ގުޅިގެން ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އަވަހާރަކޮށްލަން އިންޒާރު ދިނުމުން އެ ޕާޓީން ކަންބޮޑުވާ ކަމަށާއި އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންވާނެ އަމަލެއް ހިންގާނެ ކަމަށް ބުނެ ދިން އިންޒާރު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރައީސްގެ ފުރާނަފުޅަށް ނުރައްކާވާނެފަދަ އަމަލެއް ހިންގާނެ ކަމަށް ވަރަށް ފާޅުގައި މީހަކު ބުނެފައިވާތީ އެ މައްސަަލައަކީ ދައުލަތުގެ ތަހުގީގީ އިދާރާތަކުން އިސްކަންދީގެން ބަލަންޖެހޭ މައްސަލައެއް ކަމަށް ދެކޭ ކަމަށް ވެސް ޕީއެންސީއިން ބުންޏެވެ.

އެހެންކަމުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި މި މައްސަލާގައި އެކަށީގެންވާ ހަލުވި ތަހުގީގެއް ހިންގުމަށް ޕީއެންސީއިން ވަނީ ގާނޫނު ތަންފީޒުކުރާ ތަހުގީގީ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.

ޕީއެންސީއިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން މި މަަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށްގެންދާނެ ކަމާމެދު އެ ޕާޓީން ޝައްކު ނުކުރާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ބުނެފައިވަނީ ރައީސަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު