Saturday, October 31
ކެޓް ޝެލްޓަރ އަށް ބޭނުންވާ ވަސީލަތްތައް ހޯދަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގައި ހަދަމުންދާ ކެޓް ޝެލްޓަރ އަށް ބޭނުންވާ އިކުއިޕްމެންޓްސްއާއި މެޓީރިއަލްސް ހޯދުމަށް މާލެ ސިޓީ ކައުންސިލުން، ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ރެޕިޑް އިންޖިނިއަރިންގ އާ މިކަން ވާލުކުރީ 210,036.61 ރުފިޔާއަށް ކަމަށެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި މާލެ ސިޓީ ކައުންސިލުން ހުޅުމާލޭ ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރ ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗުމަހުގެ 19 ގައެވެ.

ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރ ހަދަނީ 5,000 އަކަފޫޓުގެ ބިމެއްގައެވެ. އެ ތަނުގައި ކެޓް ޝެލްޓަރ ގާއިމުކުރުމުން މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންގޮސް ފަރުވާދީ، ބެލެހެއްޓުމުގެ މަސައްކަތް ފަށާނެއެވެ.

މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތްދޭނެ ފެސިލިޓީއެކެވެ.

މި ފެސިލިޓީ އިމާރަތްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ.

މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާކަމުގެ ޝަކުވާތައް ބޮޑުވުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ވެސް ވަނީ ވިލިމާލޭގައި ކެޓް ޝެލްޓަރ އެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްފައެވެ. އޭރު އެ މަސައްކަތަށް ބަޔަކު ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އޭރުގެ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ވެލްފެއާ ފޯ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) އިން އެންމެ ފަހުން ބުނެފައިވާ ގޮތުން މާލެ ސަރަހައްދުގެ މަގުތަކުގައި 3,000 އަށްވުރެ ގިނަ ބުޅާ އުޅެއެވެ. އަދި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އެ އަދަދު 9,000 އަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު