Saturday, October 31
ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރަން ތެހެރާން އޮތީ ތައްޔާރަށް: އީރާނުގެ ރައީސް ޕެޒެޝްކިއަން

އީރާނުގެ ރައީސް، މަސްއޫދު ޕެޒެޝްކިއަން އދ.ގެ އާންމު މަޖިލީހުގައި ވިދާޅުވީ އީރާނުގެ ބައިނަލްއަގްވާމީ ގުޅުންތަކުގެ ބިނާކުރަނިވި ބާބެއް ހުޅުވަން ބޭނުންވާ ކަމަށާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން ހުޅަނގުގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރަން އެ ގައުމު އޮތީ ތައްޔާރަށް ކަމަށެވެ.

އދ. ގެ ދުނިޔޭގެ ލީޑަރުންގެ އަހަރީ އާންމު މަޖިލީހުގައި އެމަނިކުފާނު ދެއްވި ފުރަތަމަ ތަގުރީރުގައި ޕެޒެޝްކިއަން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު  ޖަރީމާތަކާއި ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.

އީރާނުން އެދެނީ އެންމެންނަށް ހަމަޖެހުން ހޯދައިދިނުމަށާއި އެއްވެސް ގައުމަކާ ކުރިމަތިލުމުގެ ވިސްނުމެއް ނެތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އީރާނުން ހަނގުރާމަތަކާ ދެކޮޅު ކަމަށާއި ޔޫކްރެއިންގައި ހިނގަމުންދާ އަސްކަރީ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލަން ގައުމުތަކުން ބާރު އަޅަން ޖެހޭ ކަމަށްވެސް ޕެޒެޝްކިއަން ވިދާޅުވި އެވެ.

އީރާނުން 2015 ވަނަ އަހަރުގައި ހެދި ނިއުކްލިއާ އެއްބަސްވުމުގެ ބައިވެރިންނާ އެކު މަޝްވަރާކުރަން ތައްޔާރަށް ތިބި ކަމަށާއި އެއްބަސްވުމުގެ ވައުދުތައް ފުރިހަމައަށް އަދި ރަނގަޅަށް ތަންފީޒު ކުރެވިއްޖެ ނަމަ އެހެނިހެން މައްސަލަތަކާމެދު މަޝްވަރާ ކުރެވިދާނެކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވި އެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ވަނީ 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ހަ ބާރަކާ ދެމެދު ހަދާފައިވާ ނިއުކްލިއާ އެއްބަސްވުން 2018 ވަނަ އަހަރު އުވާލައި، އީރާނާ ދެކޮޅަށް އަނެއްކާވެސް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާންފަށާފައެވެ. އޭގެ ފަހުން އެ އެއްބަސްވުން އަލުން އިއާދަކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު