Tuesday, October 27
ބޭރުގެ ބޮޑު ކުންފުންޏަކުން ރާއްޖޭގައި ކަރަންޓު ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް ސަރުކާރަށް ހުށަހަޅައިފި

ދުނިޔޭގެ ވިހި ގައުމެއްގައި ކަރަންޓުގެ ހިދުމަތްދޭ ބިޔަ ކުންފުންޏެއް ކަމުގައިވާ ކާޕަވާޝިޕުން ރާއްޖޭގައި ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އެކަން ސަރުކާރަށް ހުށަހަޅައިފިއެވެ.

އެނގިފައިވާގޮތުން ކާޕަވާޝިޕުން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލަ ހަރަދުގައި ހިދުމަތް ފެށުމަށް ތައްޔާރަށް އޮތްކަން ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލްގައި ފާހަގަކޮށްފައެވެ.

ކާޕަވާޝިޕަކީ ތުރުކީގެ ކަރަޑިނެޒް ހޯލްޑިންގ ގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިހާރުވެސް އެފްރިކާ ، އޭޝިޔާ ، މެދުއިރުމަތި އަދި ސައުތު އެމެރިކާގެ ބައެއް ގައުމުތަކުގައި ހިދުމަތް ދެމުން އަންނަ ކާޕަވާޝިޕް މަޝްހޫރުވެފައިވަނީ  ފްލޯޓިންގ ޕަވާރޕްލާންޓް ބޭނުންކޮށްގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިދުމަތްފަށާ ކުންފުނުންޏެއްގެ ގޮތުގައެވެ.

ޕަވާޕްލާންޓް ފްލީޓްގައި ސާޅީހަށް ވުރެގިނަ އުޅަނދު އޮންނަ ކާޕަވާޝިޕަކީ އެއްފަހަރާ 7000 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ. މާލޭ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ޖުމުލަ އަކީ ގާތްގަނޑަކަށް 100 މެގަވޯޓުގެ ކަރަންޓެވެ. ފްލޯޓިން ޕަވާޕްލާންޓްތައް ގެނެސް ވަގުތުން ގްރިޑަށް ގުޅައިގެން ހިދުމަތްދޭ މި ކުންފުނިން ދުނިޔޭގެ އެކި ގައުމުތަކަށް ހިދުމަތްދޭތާ މިހާރުވަނީ  25 އަހަރު ވެފައެވެ.

މިފަދަ ޕްރޮޕޯސަލެއް ބޭރުގެ ކުންފުންޏަކުން ހުށަހަޅާފައިވާއިރު ސަރުކާރުން ދަނީ ޑީސަލްގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި އެހެނިހެން ގޮތްގޮތުން ރާއްޖޭގައި ކަރަންޓު އުފެއްދުމަށް އިސްކަންދެމުންނެވެ.

މިގޮތުން މާލެ-ހުޅުމާލެ ހައިވޭގައި "އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ)" ޕްރޮޖެކްޓުގެ ދަށުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން ދުވާލަކު 4.8 މެގަވޯޓުގެ ކަރަންޓު އުފައްދައެވެ.މިއީ ވޯލްޑްބޭންކުގެ އެހީގައި ހިންގާފައިވާ  11 މިލިއަން ޑޮލަރު ނުވަތަ 169 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މީގެ އިތުރުންވެސް އިރުގެ އަލިން ހަކަތަ އުފެއްދުމުގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ.

 

 

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު