ރާއްޖޭގެ ބޮޑު ބަޔަކަށް، ނުރައްކާތެރި މިންވަރަކަށް މިއަދު ވައި ނުސާފުވެއްޖެއެވެ.
ވައިގެ ކޮލިޓީ ދައްކުވައިދޭ އައިކިއުއެއާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ ރާއްޖޭގެ އުތުރަށެވެ. އެ ސަރަހައްދުގައި ވައި ނުސާފު މިންވަރު ގިންތިކޮށްފައިވަނީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 158 އާއި 165 އާ ދޭތެރޭ، ރަތް އެލާޓެއްގެ ގޮތުގައެވެ. އެއީ އާންމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ޖެހިފައިވާ މީހުންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުވާ ހާލަތެކެވެ.
މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި ވެސް ވައި ނުސާފު ކަމަށް އައިކިއުއެއާގެ ތަފާސްހިސާބުން ދައްކައެވެ. އެއީ އޭކިއުއައި 126 ނުވަތަ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއްގެ ގޮތުގައެވެ.
ދ. އަތޮޅުގައި ވެސް ވައި ނުސާފުވެފައިވާ ކަމަށް އައިކިއުއެއާއިން ދައްކާއިރު، އެ ސަރަހައްދުގައި އޭކިއުއައި ހުރީ 60 ގައެވެ. ދެކުނުގެ ރަށްރަށުގެ ވައިގެ ފެންވަރު ހުރީ ރަނގަޅު މިންވަރެއްގައި ކަމަށް ދައްކައެވެ.
އެއާ ކޮލިޓީ އިންޑެކްސްގެ މިންގަނޑުތަކަށް ބަލާއިރު، 50 އިން މަތީގައި ހުރުމަކީ މޮޑަރޭޓް ލެވެލްއެއް ކަމުގައި ވިޔަސް، އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތެކެވެ. އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެނަމަ ޞިއްޙީގޮތުން ހިރާސް ބޮޑު މީހުންނަށް ނުރައްކާ ބޮޑުވާނެއެވެ. އަދި 150 އަށް ވުރެ މަތިވާ ހާލަތްތަކުގައި އެންމެންނަށްވެސް ނުރައްކާ ބޮޑުވާނެއެވެ.
ވައި ނުސާފުވެއްޖެ ނަމަ، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ބޭރަށް ނުކުންނަ ހާލަތްތަކުގައި މާސްކު ބޭނުންކުރުން އެދެވިގެންވެއެވެ.
ރާއްޖޭގެ ޖައްވު މިފަދަގޮތަކަށް ނުސާފުވަނީ އާންމުކޮށް އިރުވައި މޫސުމުގައި ވައިގެ މިސްރާބު ހުންނަގޮތުން، އިންޑިއާގެ ބައެއް ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. އަދި ކުރިއަށް އަންނަ ޑިސެމްބަރު މަހު އިރުވައި މޫސުން ފެށުމާއެކު މި ނުސާފު ވައިގެ އަސަރު ރާއްޖެއަށް އިތުރަށް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.






