ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ހަދަމުން އަންނަ ތިލަމާލެ ބުރިޖުގެ މުޅި މަސައްކަތުގެ 80.32 ޕަސަންޓު ނިންމާލެވިއްޖެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ ބުރިޖުގެ ސައިޓުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބުރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ. އެއް ތަނބު އަނެއް ތަނބާ ގުޅާލުމަށް ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ 88 ޕަސަންޓު މަސައްކަތް ވަނީ ނިންމާފައެވެ.
ބުރިޖުގެ ޑެކަށް ޖުމްލަ 1,222 ސެގްމަންޓް ބޭނުންވާއިރު، އޭގެ ތެރެއިން 98.53 ޕަސަންޓު ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ގުޅިފަޅުގައި ޤާއިމުކޮށްފައިވާ ބުރިޖު ސައިޓުގައެވެ.
މިހާރު އެންމެ އިސްކަމެއް ދެނީ ވިލިމާލެއާއި ގުޅިފަޅު ގުޅާލުމުގެ މަސައްކަތަށެވެ. ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ މި ބުރިޖުގެ އެންމެ ފަހު ސެގްމަންޓް މި މަހުގެ ތެރޭގައި އިންސްޓޯލްކޮށް، މި މަހުގެ ނިޔަލަށް ވިލިމާލެއާއި ގުޅިފަޅު ގުޅާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލެއިން ވިލިމާލެއަށް ގުޅާލާ 2.2 ކިލޯމީޓަރުގެ ބުރިޖުގެ މަސައްކަތް މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ.
މުޅި ތިލަމާލެ ބުރިޖު މަޝްރޫޢުގައި ޖުމްލަ 6.7 ކިލޯމީޓަރު ތަރައްޤީކުރެވެއެވެ. މީގެ ތެރޭގައި ކަނޑު ހުރަސްކޮށް ހަދާ 3 ބުރިޖާއި، ގުޅާލާ ރަށްރަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތައް ހިމެނެއެވެ. ވިލިމާލެއިން ގުޅިފަޅަށް ގުޅާލާ ބުރިޖަށްފަހު، ގުޅިފަޅުން ތިލަފުއްޓަށް 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހު 600 މީޓަރުގެ ބުރިޖަކުން ގުޅާލެވޭނެއެވެ.
ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބުރިޖު ގުޅޭ ސަރަޙައްދު ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.
އެކި ސަބަބުތަކާ ހުރެ މަޝްރޫޢު ލަސްވި ނަމަވެސް، އަންނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.
500 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.






