އަންނަ 2027 ވަނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133.5 މިލިއަން ރުފިޔާގެ ބަޖެޓު އެ އޮފީހަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އަންނަ އަހަރު އޮޑިޓް އޮފީސް ހިންގުމަށް ޖުމްލަ 133,590,265 ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ވިދާޅުވެ، އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ މާލިއްޔަތު ކޮމިޓީއަށް ބަޖެޓު ހުށަހެޅުއްވީ އިއްޔެއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލް ހުށަހެޅުއްވި އަދަދަށް ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދުކުރެއްވިއިރު، ބައްދަލުވުމުގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ވަނީ ބަޖެޓު ފާސްކޮށްފައެވެ.
މަމްދޫހުގެ ހުށަހެޅުމުގައި އޮފީހުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުތަކަށް 90,900,265 ރުފިޔާ އަދި ހުޅުމާލޭގައި ތަރައްޤީކުރާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަށް 43,500,000 ރުފިޔާ ހިމެނެއެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ، ހަ ފަންގިފިލާގެ އާ އިމާރާތުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރަށް އިމާރާތް ނިންމައި އެތަނަށް ބަދަލުވެވޭނެ ކަމަށެވެ. އެ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
މި އަހަރަށް އޮޑިޓް އޮފީހުން 134.2 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދުނުއިރު، އެ އަދަދު ކުޑަކުރުމަށް އޭރުގެ ފިނޭންސް މިނިސްޓްރީން މަސައްކަތްކުރި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ނިންމީ އޮޑިޓް އޮފީހުން އެދުނު ފުރިހަމަ އަދަދު ދިނުމަށެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ އަހަރީ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޮޑިޓް އޮފީހުގެ ބަޖެޓު މަޖިލީހުން ފާސްކުރަން ޖެހެއެވެ. ކޮމިޓީން ފާސްކުރި ބަޖެޓު ދެން ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.






